ޚަބަރު
ހައި ކޯޓުގެ ފަނޑިޔާރުންނަށް ޝަހީދާއި ކުރީގެ ގާޒީ ޖަމީލު އައްޔަންކުރަން ނިންމައިފި
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު އާއި ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ފަނޑިޔާރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް އައްޔަނުކުރާނެ ފަނޑިޔާރުން މިހާރު ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމެވީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއި އަލްއުސްތާޛު މުޙައްމަދު ޝަހީދެވެ.

އަބްދުﷲ ޖަމީލް މޫސާގެ ތައާރަފް

އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރިން ހިދުމަތް ކުރައްވާފައިވާއިރު، ސެޕްޓެމްބަރު 23، 2003 އިން ޖެނުއަރީ 31، 2009 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި ފެބްރުއަރީ 01، 2009 އިން ފެބްރުއަރީ 21، 2019 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމު އަދާކުރައްވާފައިވެ އެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފަ އެވެ.

މުހައްމަދު ޝަހީދު ތައާރަފް

މުހައްމަދު ޝަހީދު ވަނީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޖުލައި 30، 2018 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 23، 2023 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފަ އެވެ. ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުގެ ކުރިން ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން 2 މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވައެވެ.

ފަނޑިޔާރުންގެ ޤާނޫނުގައި އޮންނަ ގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އަދި މަޤާމާ ހަވާލުވުމުގެ ކުރިން ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރަންވާނެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު