ޚަބަރު
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އުތީމު އާދަމް އަބްދުއްރަހުމާނަށް
އުތީމު އާދަމް އަބްދުއްރަހުމާންއަށް ނިޝާން ދިޔަމިގިލި އިއްޒަތް އެރުވުން - ފޮޓޯ/ރައީސް އޮފީސް
ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް އަބްދުއްރަޙްމާން (އާދަމްބެ)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް (ނ.ދ.ޝ.އ) އަރުވައިފި އެވެ.

މި ޝަރަފު އެރުވީ މިއަދު ހއ. އުތީމުގައި ކުރިއަށްދާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.

މި ޝަރަފު އާދަމް އަބްދުއްރަހުމާނަށް އަރުވައި ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އޮގަސްޓް 26، 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް އަބްދުއްރަހްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވާފަ އެވެ.

އާދަމް އަބްދުއްރަހްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ހާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ހައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ.

އާދަމް އަބްދުއްރަހުމާނަށް 2004 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާ އިން ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު އަދި 2016 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު