ދީން
ސުންނަތް: އިސްލާމީ ޝަރީއަތުގެ ދެވަނަ މަސްދަރު
މިއަދު އިއްވި ހުކުރު ހުތުބާގައި، އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާގެ ސުންނަތްކަން ބަޔާންކޮށް، ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބެގެން ނޫނީ ދީނަށް އަމަލުނުކުރެވޭނެކަން ހަނދާންކޮށްދީފި އެވެ.

"ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" މި މައުލޫއަށް އަލިއަޅުވާލައި ދެވުނު ޚުތުބާގައި ނަބިއްޔާގެ ސުންނަތާއި ކީރިތި ޤުރްއާނުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ނުލިބޭނެކަން ވަނީ ހަނދާންކޮށްދީފަ އެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގެ ފުރަތަމަ މަސްދަރަކީ ކީރިތި ގުރްއާން ކަމުގައިވީ ފަދައިން، ދެވަނަ މަސްދަރަކީ ރަސޫލާގެ ސުންނަތެވެ.

ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު އޮޅުމެއްކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫއަނުވެ، ހަމައެކަނި ގުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމަކީ މުސްތަޙީލުކަމެއްކަން ފާހަގަކޮށްފައި ވެއެވެ. މިސާލެއްގެ ގޮތުން، ނަމާދަކީ ދީނުގެ ތަނބުކަމަށް ވާއިރު، ނަމާދު އަދާކުރާންވީ ގޮތް ޤުރްއާނުގައި އައިސްފައިނުވާކަމަށާއި، އެކަންކަން އެނގެނީ ރަސޫލާގެ ސުންނަތުންކަން ވަނީ ހަނދާންކޮށްދީފަ އެވެ. ހަމައެފަދައިން ހައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވީ އެކަލޭގެފާނުކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ޤުރްއާނުން ފެންނާން ނެތް ހަދީސްތަކެއްކަމަށް ބުނެ މީހަކު ދެކޮޅުހެދުމުން، ޢިމްރާން ބިން ހުސައިން ދެއްވި ރައްދު ހުތުބާގައި ގެނެސްދީފައި ވެއެވެ. އިމްރާން ވިދާޅުވި ގޮތުގައި، ފަސްވަގުތު ނަމާދުގެ ރަކުއަތްތަކުގެ އަދަދާއި، ޒަކާތް ނެރެންޖެހޭ ވަކި މިންވަރުތަކާއި، ގެފުޅުވަށައިގެން ހަތް ބުރު ތަވާފުކުރުން ފަދަ ކަންކަމަކީ ގުރްއާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަންކަމެއް ނޫނެވެ. އެ ކަންކަން އުނގެނުނީ ރަސޫލާގެ އަރިއަހުންކަން ޢިމްރާން ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން، އުންމަތުގެ މީހުންގެ ތެރެއިން ރަސޫލާގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތްވެފައިވާކަމަށް އެކަލޭގެފާނު އިންޒާރުދެއްވައިފައިވާކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އެފަދަ މީހުން ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން ތިބެ، ހަމައެކަނި ޤުރްއާނުގައިވާ ކަންކަން ޤަބޫލުކުރާނެކަމަށް ބުނާނެކަމަށް ޙަދީޘްކުރައްވައިފައިވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަސޫލާ ހަރާމްކުރައްވައިފައިވާ ކަންކަމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ. ޚުޠުބާ ނިންމާލަމުން ގެނެސްދީފައިވަނީ، ރަސޫލާއަށް ކިޔަމަންވެއްޖެ މީހާ ސުވަރުގެ ވަންނާނެކަމަށާއި، ނުކިޔަމަންތެރިވެއްޖެ މީހާ ދެކޮޅުހަދައިފިކަމަށް ބަޔާންކުރައްވައިފައިވާ ހަދީސްފުޅެވެ. 

"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ."

ކީރިތި ގުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން ފަދަ ގުޅުމެއް ކަމަށާއި، އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ގުރްއާނާއި ސުންނަތްވެސް ވަކިނުކުރެވޭނެ ކަމަށް ހުތުބާގައި ނިންމާލަމުން ބުނެފައިވެ އެވެ. އަދި ރަސޫލާގެ ސުންނަތަކީ ދީނުގެ ބަޔަކަށްވާއިރު، އިސްލާމީ ޝަރީއަތް ގިޔާމަތަށްދާންދެން ރައްކާތެރިކުރައްވާނެ ކަމަށް މާތް ﷲ ވައުދުވެވޮޑިގެންފައިވާ ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު