
ޑޮލަރު ދޫކުރުމާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ރައްދުދެއްވުމުގެ ގޮތުން މިނިސްޓަރު ސައީދު އެކްސްގައި ރޭ ހިއްސާކުރެއްވި ޕޯސްޓެއްގައިވާ މައުލޫމާތުގައިވަނީ ރަސްމީ އެކްސްޗޭންޖް ރޭޓު ކަމަށްވާ 15.42 ރުފިޔާގެ ރޭޓުގައި ބޭންކުތައް މެދުވެރިކޮށް ދޫކުރި ޑޮލަރުގެ މިންވަރު ކުރީގެ ސަރުކާރުތަކަށްވުރެ މި ސަރުކާރުގައި މާ ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.ސައީދު ވަނީ އެކަން ކުރީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ބައެއް ކަމުގައިވާ 1.2 ބިލިއަން ޑޮލަރު ވެސް ދައްކާ ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްފައިކަން ފާހަގަކުރައްވާފަ އެވެ.ސައީދު ވަނީ މި ސަރުކާރުން ރައްޔިތުންގެ މިފަދަ ބޭނުންތަކަށް ދޫކުރި ޑޮލަރު މާ ގިނަކަން ފާހަގަކުރައްވާ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ގެންދަވަނީ، އެމްޑީޕީ މި ގައުމު ވައްޓާލި އިގްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން ކަމުގައި ވިދާޅުވެފަ އެވެ.މި ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރާ އަޅައިބަލާއިރު މިއަހަރު މަހަކު އެވްރެޖްކޮށް ދޫކުރި ޑޮލަރުގެ މިންވަރު ވަނީ 120 އިންސައްތައިން އިތުރުވެފަ އެވެ. އެއީ ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.ވިޔަފާރި ބޭންކުތަކުން ދޫކުރާ ޓީޓީއާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާއާއި، ހައްޖާއި އުމްރާގެ އިތުރުން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކަށް ދޫކުރި ޑޮލަރުގެ މިންވަރުވެސް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުން އަދި ކަޅުބާޒާރުގައި ވެސް ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށެވެ. މި ހަފްތާ ފެށުނުއިރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22.10ރ.އަށް އަރައިފަ އެވެ.