ވިޔަފާރި
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.10ރ. އަށް އަރައިފި
ރާއްޖޭގައި ޑޮލަރުގެ އަގު 22.10ރ.އަށް މިއަދު އަރައިފި އެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. އެހެންކަމުން ކަޅު ބާޒާރުގެ މިހާރުގެ އަގަކީ ރަސްމީ ރޭޓަށްވުރެ 6.68 ރުފިޔާ ނުވަތަ 43.32 އިންސައްތަ ބޮޑު އަދަދެކެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވެސް ދަނީ ހަލުވިކަމާއެކު މަތިވަމުންނެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އިގްތިސާދީ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ރައީސް ޑރ. މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ސަރުކާރުގެ އިސް އެތައް ފަރާތެއް، ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށް ވަނީ މީގެ ކުރިން އެތައް މުނާސަބަތެއްގައި ވިދާޅުވެފަ އެވެ. ޑޮލަރުގެ އަގު ދަށްކޮށް، ދިވެހި ފައިސާގެ އަގު މައްޗަށް އެރުވުމަށާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް ޑޮލަރު ރޭޓު ހިފެހެއްޓުމެއްނެތި މައްޗަށް ދިއުމުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. 

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ. ޑޮލަރުގެ ރޭޓު ހިފެހެއްޓުމެއްނެތި ބޮޑުވުމަށް ދިމާވި އެއް ސަބަބު ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވާ އެއްކަމަކީ ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ފެށި "ޑޮލަރު އިންވެސްޓްމަންޓް" ސްކީމެވެ. އިންވެސްޓް ކުރުމުގެ ނަމުގައި ބީއެމްއެލުން ކަޅުބާޒާރުގެ އަގުގައި ޑޮލަރު މާރުކޮށްދޭން ފެށުމުން ޑޮލަރުގެ އަގު އުފުލޭނެ ކަމަށް އިގްތިސާދީ މާހިރުން އޭރުވެސް ފާހަގަކުރި އެވެ. 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު