ޚަބަރު
ލޫޓުވައިފި މުޒާހަރާ، ފަހަތަށް ޖެހެން ޖެހޭނީ ރައީސް މުއިއްޒު: އިމްރާން
ރައީސް ޑރ. މުހައްމަދު މުއިއްޒު
ފަަހަތަށް ޖެހެން ޖެހޭނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި އެމްޑީޕީން 'ލޫޓުވާލައިފި' ނަމުގައި މި މުޒާހަރާ ފެށީ މިރޭ 8:30 ހާއިރު އެވެ. މުޒާހަރާ ފެށުމުގެ ގޮތުން ވަރަށް ކުރުކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވާހަކަދެއްކެވުމަށް ފަހު، މަގުމައްޗަށް ނުކުންނަން މުޒާހަރާގެ ބައިވެރިން ހިނގައިގަތުމާ އެކު އެ މީހުންނަށް ފުލުހުން ހުރަސްއެޅުމުން މުޒާހަރާ މިހާރު ވަނީ ހޫނުވެފަ އެވެ. 

މި މުޒާހަރާގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނެ އެވެ. 

މުޒާހާރާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ފެހި ގާނޫނު އަސާސީ ލޫޓުވާލައިފި ކަމަށެވެ.

އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު ޖެހޭނީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ވެރިކަން ކުރަން ކަމަށެވެ.

"މިއީ ވޯމް އަޕެއް. ރައީސް މުއިއްޒު ފަހަތަށް ޖައްސާނަން. ރައީސް މުއިއްޒު ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން ވެރިކަން ކުރަން" އިމްރާން ވިދާޅުވި އެވެ.

މަގުތަކަށް ނުކުތުމުގެ ކުރިން، މުޒާހަރާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއްވެވި އެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ބަނދެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު، މާދަމާ ޖަލްސާއެއް ބާއްވާފައި އުވާލުމަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާލައި، އެ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް
  • ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް އުވާލުމަށް އަދި ރަށްރަށުގެ ބާރުވެރިކަން ނައްތާލުން ހުއްޓުވާލުމަށް
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތައް ސަރުކާރަށް ކޮންޓްރޯލްކުރެވޭ ގޮތަށް ހެދި ގާނޫނު އުވާލުމަށް
  • ރައްކާތެރި ބޭސްތަކާއި އާސަންދަގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި، މި ސަރުކާރު އައުމުގެ ކުރިން ލިބެމުން ދިޔަ ގޮތަށް ދޭން ފެށުމަށް

މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގްސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެއެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު