ޚަބަރު
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި
ޖުޑީޝަލް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. 

މީގެ ކުރިން ވެސް ގާޒީ ފާއިޒް މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގަ އެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީ އިން ވަނީ ފާއިޒްގެ ސަސްޕެންޝަން އުވާލައިފަ އެވެ. 

ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު