ޚަބަރު
ސްކޫލް ހޯލު ނުދިނުމަކީ ރައްޔިތުންނަށް ކޮށްލި މަލާމާތެއް، ފުރައްސާރައެއް: ރައޫފް
ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް ކައުންސިލް ބައްދަލުވުމެއްގައި
"ހޯރަފުށި ދުވަސް" ފާހަގަ ކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަށް، ހޯރަފުށީ ސުކޫލު - ހއ. އަތޮޅު މަދަރުސާގެ ހޯލް ސަރުކާރުން ނުދިނުމަކީ ރައްޔިތުންނަށް ކޮށްލި މަލާމާތެއް، ފުރައްސާރައެއް ކަމަށް އެ ރަށު ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވެއްޖެ އެވެ.

ހޯލް ރައްޔިތުންގެ ބޭނުމަށް ނުދޭން ސަރުކާރުން ނިންމުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައޫފް ޝޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީގައި ރައްޔިތުންގެ ހިދުމަތުގެ އަގުވަޒަންކުރަން މިފުށީގައި ބާއްވާ އެންމެ ހާއްސަ އަދި އެންމެ ޝަރަފްވެރި ރަސްމިއްޔާތަށް ހއ އަތޮޅު މަދަރުސާގެ ހޯލް މިނިސްޓްރީ ނުދިނުމަކީ މި ރަށުގެ ރައްޔިތުންނަށް ކޮށްލި މަލާމާތަކާއި ފުރައްސާރައެއް ކަމަށެވެ. 

"ކިތަންމެ ހުރަހެއް ކުރިމަތި ކުރުވިޔަސް އިރާދަކުރެއްވިއްޔާ މިރޭގެ ރަސްމިއްޔާތު ހޯރަފުށީގައި ބާއްވާނެ ވާހަކަ ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަން." ރައޫފް ވިދާޅުވި އެވެ.

ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ޖަލްސާ ބޭއްވުމުގެ އެންމެހާ ތައްޔާރީތައް ނިމިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ހޯލް ނުދޭން ނިންމުމުމާއި ގުޅިގެން ކައުންސިލް އިސްވެރިއަކު "ހޯރަ" އަށް ވިދާޅުވީ ހޯރަފުށީ ދުވަަހުގެ ރަސްމީ ޖަލްސާއަށް ސްކޫލް ހޯލު ކުއްޔަށް ހިފުމަށް އެދި އޮކްޓޯބަރު 22 ވަނަ ދުވަހު ރަސްމީކޮށް އެދިފައި ވާނޭކަމަށެވެ. ނަމަވެސް މި ކަމުގައި ސަރުކާރުން މިއަދު ހެދުނާ ހަމައަށް ވެސް ބަހެއް ބަހެއް ނުބުނުމުން ޖަލްސާ ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ބޭއްވޭ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯލް ސަރުކާރުން ނުދިނުމުން ޖަލްސާ އެ ރަށު ބަދަރުގައި ބާއްވަން ހަމަޖެހިފަވާއިރު، ކައުންސިލުން ވަނީ މި ހާއްސަ ޖަލްސާ ބޭއްވުމަށްޓަކައި ސްކޫލް ހޯލު ތައްޔާރުކޮށްވެސް ނިންމާފަ އެެވެ.

މި ޖަލްސާގައި އަކީ އެކި ދާއިރާ އިން ހޯރަފުއްޓަށް ހިދްމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ އެކެވެ. މި ދިޔަ އަހަރު އޮތް ޖަލްސާގައި 92 ފަރާތަކަށް ވަނީ އެ ވޯޑް ދީފަ އެވެ.

މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދެ އެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެ އެވެ.

މި އަހަރުގެ ޖަލްސާގެ ދައުވަތު ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަލީ މޫސާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަށާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ވެސް ވަނީ ފޮނުވާފަ އެވެ. "ހޯރަ" މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގެ ދައުވަތު ފޮނުވުމުން މި ބޭފުޅުންގެ ޝުކުރު ވަނީ ކައުންސިލް އަށް އަރިސްކޮށްފަ އެވެ. ނަމަވެސް މި ޖަލްސާގައި ބައިވެރި ވަނީ ދައުވަތު ދެއްވި ކޮން ބޭފުޅުން ނެތް ކަމެއް އަދި ނޭނގެ އެވެ. 

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ. 

ކިޔުންތެރިންގެ ޝުއޫރު
22%
33%
33%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު