ޚަބަރު
މެޖިސްޓްރޭޓުން ޑިގްރީ ހާސިލުކުރަން ލާޒިމްވާ އިސްލާޙު ފާސްކޮށްފި
ފަނޑިޔާރުން - ފޮޓޯ: މިހާރު
މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ގާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިފަދަ މުހިންމު އިޞްލާޙުތަކަކާއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މިހާރު ގާނޫނުގައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ދަށްވެގެން ހާސިލުކުރަން ޖެހެނީ ޑިޕްލޮމާއެކެވެ.

ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވީ، ކުދިކުދި ބަދަލުތައް ގެނެސް ފަނޑިޔާރުންގެ ގާނޫނު އިތުރަށް ތަފުސީލުކޮށްދީ، ފަނޑިޔާރުންނާ ގުޅޭގޮތުން އަމަލުކުރަންވީ އެކި ކަންކަމުގައި އަރާ އޮޅުންތައް ސާފުކުރުމުގެ ގޮތުންނެވެ.

މެޖިސްޓްރޭޓުން އެންމެ ދަށްވެގެން ޑިގްރީއެއް ހާސިލްކުރަން ޖެހޭނެ ކަމަށް އިސްލާހު ގެނައީ، ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހުގައެވެ. އެގޮތަށް ކޮމިޓީން އިސްލާހު ގެނައީ މެޖިސްޓްރޭޓުން ގާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކުރަންޖެހޭ ކަމަށް އޮންނަ އޮތުން އުނިކުރުމަށް ފަހުގައެވެ.

އެއަށްފަހު ކޮމިޓީ މަރުހަލާގައި ވަނީ، މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭ، ޑިޕްލޮމާއަށް ކިޔަވައިގެން ތިބި މެޖިސްޓްރޭޓުން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ވެސް ހިމަނައިފައެވެ. އަދި، ގިނަވެގެން ފަސް އަހަރު ތެރޭ ޑިގްރީ ހާސިލްކޮށް ނިންމަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޓީން މިގޮތަށް ނިންމި ސަބަބެއް ކަމަށް ކޮމިޓީގެ ރިޕޯޓުގައި އޮތީ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރު ކަމުގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ކަމަށް ކަނޑައެޅުމަށް ޖޭއެސްސީއާއި އެކި ކޯޓުތަކުންނާއި އާންމުންވެސް ޚިޔާލު ހުށަހަޅާފައިވުމެވެ.

ކޮމިޓީ މަރުހަލާގައި ދެން ފަނޑިޔާރުންގެ ގާނޫނަށް އިތުރުކުރަން ހުށަހަޅާފައިވަނީ ފަސް އަހަރުތެރޭ މަގުބޫލު އުޒުރެއް ނެތި ޑިގްރީ ހާސިލްކޮށްފައިނުވާ ނަމަ، ނުވަތަ އިސްލާހަށް އަމަލުކުރާތާ އެއް އަހަރުވުމުން ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެފައިނުވާ ނަމަ، އެ މެޖިސްޓްރޭޓުން ވަކިކުރެވޭ ގޮތް ހެދުމަށެވެ.

ހަމައެއާއެކު، ޢުއުމުރުން 55 އަހަރުނުވި ނަމަވެސް އަމިއްލައަށް އެދިގެން ފަނޑިޔާރުން ރިޓަޔާވެވޭ ގޮތަށްވެސް އެ އިޞްލާޙުގައި ހިމަނާފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު