ޚަބަރު
ދައުލަތުގެ ހަރަދު ހުރި ވަރަށް ވުރެ 40 ޕަސެންޓު ކުޑަކުރަން ސިޔާމް ގޮވާލައްވައިފި
ދައުލަތުގެ ހަރަދުތައް %40 ކުޑަކުރަން މީދޫ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ ބަޖެޓު ހެދުމުގައި އިސްކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ބަޖެޓުގެ ޚަރަދުތައް ބެލެންސްކުރުން ކަމަށެވެ. ޚަރަދު ބޮޑުވާނެހެން ކަންކަން ކުރުމަކީ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ގިނަ ރިސޯޓުތައް ހިންގަވާ ސިޔާމް ވިދާޅުވީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ވިޔަފާރިތަކަށް ކޮމާޝަލް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ބޮޑުވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ތިބީ ވަރަށް ދަތި ހާލުގައި،" ސިޔާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ %7-%8އާ ދޭތެރޭ ނަގަމުން އައި އިންޓްރެސްޓު މިހާރު %10-%12އަށް ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވޭ މި ޚަަރަދު، ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން. އެއީ ސަބަބަކަށް ވަނީ އަޅުގަނޑުމެންގެ މި ވަގުތު މި ހުރި ލިބޭ ފައިދާއަށް ބަލައިލާއިރުގައި އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާއިރުގައި އަޅުގަނޑުމެންނަކަށް އިތުރު އެއްވެސްކަމެއް ރިޒާވެއް ކުރެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ ރިޒާވް މި އޮތީ ވަރަށް ދަށުގައި. އެހެންވީމާ މި ރިޒާވް އަޅުގަނޑުމެން ހަމަޖައްސާކަމުގައިވާނަމަ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރަން،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެ މި އޮތީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެ ކަން ހާމަވަނީ މީގެ ކުރިން ވިޔަފާރީ ބޭންކުތަކުން ހަތް ޕަސެންޓު އިންޓަރެސްޓުގައި ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް 11 ޕަސެންޓާ ހަމައަށް ބޮޑުކޮށްފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު