ޚަބަރު
ސަރުކާރަށް ޝަމްހީދް: ފައިސާ ޗާޕުކުރަނީ މުސާރަ ދޭނެ ގޮތެެއް ނެތިގެން!
ސަރުކާރުން ފައިސާ ޗާޕުކުރަން ފެށީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ އެތައް ހާސް ވަޒީފާއަކަށް މުސާރަ ދޭނެ ފައިސާ ދައުލަތުގައި ނެތުމުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރަން ޕެންޝަން އޮފީހުގެ ބޯޑުން މިއަދު ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، ޕެންޝަން ބޯޑުން އެކަމަށް ރުހުން ދީފައިވާކަން، އިތުބާރު ހުރި މަސްދަރަކުން "ހޯރަ"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މުއާމަލާތުން ލިބޭ އިގްތިސާދީ ގެއްލުން ބޮޑުވާނެތީ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ބޯޑުގެ ޗެއާމަން، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޝަމްހީދު ވަނީ އެ ނިންމުމާ މެދު ރައްޔިތުން އަމިއްލައަށް ސުވާލު ކުރުމަށް އެދިފަ އެވެ. "ޗާޕުކުރުން ދެންދާނީ ބާރަށް ކުރިއަށް" ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ބިލްތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއްނެތީ، ބަހަމުންދާހާ ވަޒީފާތަކަށް މުސާރަ ދޭނެ ގޮތެއް ނެތީ. ދިވެހި ދައުލަތުގެ ފައިސާ އަކީ، ތިމާމެންގެ ޕާޓީގެ ހަރުމުދަލަށްވެ، ޕާޓީއަށް ފައިސާ އާއި ވޯޓު ހޯދުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔާ ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ، މިއަދު މުސާރަ ދޭނެހާ ފައިސާ ވެސް ދައުލަތުގައި ނެތުން،" ޝަމްހީދު ލިޔުއްވި އެވެ.

ޕެންޝަން އޮފީހުން މި މުއާމަލާތަށް ފައިސާ ހޯދަނީ ހިންގަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް، އެމްއެމްއޭއަށް ވިއްކާލައިގެންނެވެ. އެމްއެމްއޭއިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރަނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު