ޚަބަރު
މި ސަރުކާރަކީ އުފެދުމުގައި ވެސް ވައްކަމުގެ ސަރުކާރެއް: ޢަފޫރު
މި ސަރުކާރަކީ އުފެދުމުގައި ވެސް ވައްކަމުގެ ސަރުކާރެއް ކަމަށާއި ދެން ވެސް އޮތީ ވައްކަން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުގައި ރަނގަޅަށް ހިނގާ ހަމަ އެއްކަމެއް ވެސް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާއެއް ހުރިއްޔާ އެތަނެއް ހުރީ ފޫ ވެއްޓިފަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެގޮތުން ކަސްޓަމްސް އާއި، އެމްޕީއެލް އަދި އެމްއޭސީއެލް އޮތީ ފޫ ވެއްޓިފައި ކަމަށް މެންބަރު ވިދާޅުވި އެވެ. މިއަދު ވެސް ދައްކަމުން މިދަނީ ޕޮލިސް ސްޓޭޝަނެއްގައި ހުރި ސިނގިރޭޓް ކޮޅާ، އެއާޕޯޓުގައި ހުރި ޑޮލަރު ކޮޅު ވަގަށް ނަގާ، އެ ވިއްކާލާ ވާހަކަ ކަމަށް މެންބަރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ މިއީ މިއަދު މި ގައުމުގެ ހާލަތު ކަމަށާ ގައުމެއްގެ ހުރިހާ ސިފައެއް މިތަނުން ގެއްލެމުން ދާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ވައްކަން ކުރަން ވެސް ތިބެނީ އެކަން ކުރަން ނޭނގޭ މީހުން ކަމަށެވެ. ވައްކަން ކުރަން ބައިތިއްބާފައި ތިބީ އަދި އެކަން ކުރުވަނީ ކަން ކުރަން ނުވެސް އެނގޭ މީހުން ލައްވާ ކަމަށާ އޭގެ ސަބަބުން މުޅި ދައުލަތަށް އެކަމުގެ އުނދަގޫ ވަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ވެސް ދޮގާ މަކަރުން ކަމަށެވެ. އަދި މިހާރު ވެސް އެންމެ ބާރު ސްޕީޑުގައި ކުރަމުންދާ އެއް ކަމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. މެންބަރު ވިދާޅުވީ އަންނަ އަހަރު ވެސް ވާނީ މި އަހަރު ގޮތަށް ސަރުކާރު ހިތު ހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުވާލާނެ، ރައްޔިތުންނަށް ބުރަ އަހަރަކަށް ކަމަށެވެ.

" މި ސަރުކާރަށް ވާ ހަމައެކަނި ކަމަކީ ރޯމާ ދުވާލު ވައްކަމުގެ ބޮޑެތި ސިލްސިލާތައް ހިންގުން، މި ސަރުކާރަކީ އުފެދުމުގައި ވެސް ވައްކަމުގެ ސަރުކާރެއް، ދެން ވެސް އޮތީ ވައްކަން ކަމަށާ ކުރިއަށް ވެސް އޮތީ ވައްކަން" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު ވިދާޅުވި އެވެ.


ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.

ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު