
ބަޖެޓުގެ މަސައްކަތް ކޮމެޓީ އިން ކުރިއަށް ގެންދިޔައިރު ބައެއް މުވައްސަސާތަކުން ބަޖެޓަށް ބަދަލުތައް ގެންނަން ހުށަހެޅި ނަމަވެސް އެ ބަދަލު ގެނެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ."އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެތީ، [ބައެއް ތަންތަނުން އެދޭ] އިތުރު ބަޖެޓް ދެވެން ނެތްކަމަށް،" ސަލީމް ވިދާޅުވި އެވެ.ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި ބަޖެޓްގެ އިތުރަށް 3.5 މިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން ދޫކުރުމަށް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.މިއަދުގެ ބަޖެޓު ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް ދޭ ސަބްސިޑީ މިއަހަރު 341 މިލިއަން ރުފިޔާގައި ހުރި ނަމަވެސް އަންނަ އަހަރު އެ އަދަދު 280 ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް 120 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 165 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ.މީގެ އިތުރުން ދަނޑުވެރިންނަށް ބަޖެޓުގެ ތެރެއިން 50 މިލިއަން ރުފިޔާ ކަނޑައަޅަން އޭނާ ހުށަހެޅުއްވި އެވެ.އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ލަފާ ބަޖެޓް ރެކޮމެންޑޭޝަންގެ ގޮތުގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ އެއްވެސް ހުށަހެޅުމެއް ކޮމެޓީން ފާހެއް ނުވި އެވެ.