އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ހިތްވަރުދީ، މުޒާހަރާކުރާ މީހުން ކުަށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ނޫސް ބަޔާނެއް ނެރެފި އެވެ. 
އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް އަންނަނީ މިހާރު އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތައް ހުއްޓުވުމުގެ ތެރޭ ފުލުހުންނާ ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.
އެއްވުންތަކާ ގުޅިގެން އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތަށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވިޔަސް މި ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާ ގޮތަށް ކަމަށެވެ. އެޗްއާރްސީއެމްއިން ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްގެއް ކަމަށެވެ.އެޗްއާރްސީއެމް އިން މި ނޫސްބަޔާން ނެރުނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޒާހަރާކުރުމުން ރައްޔިތުންނަށް އުނދަގޫވާ ކަމަށާއި މުޒާހަރާތަކުގައި ގާނޫނުތަކާއި ގާނޫނުއަސާސީ އާއި އިސްލާމީ ހުދޫދުތަކުގެ ތެރޭގައި އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިތާ 12 ގަޑިއިރުވެސް ނުވަނީސް އެވެ. "ކޮންމެތަނެއްގައި ވާހަކަ ދެއްކިޔަސް އަޅުގަނޑުމެން ހަމަ ގާނޫނުތަކާއި ގާނޫނުއަސާސީ އާއި އިސްލާމީ ހުދޫދުތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަމަލުތަކާއި އަޅުގަނޑުމެންގެ ބަހުރުވަ ހުންނަންޖެހޭނީ. އެކަކު އަނެކަކަށް ކުރަންޖެހޭ ރެސްޕެކްޓް ކުރަންޖެހޭނެ. އެއީކަންނޭނގޭ ރައްޔިތުން ބޭނުންވާ ގޮތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.