ޚަބަރު
ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފި އެވެ.

އީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަ ކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަން ވެސް އީސީން ފާހަގަކުރި އެވެ.

ޕީއެންއެފްގެ ހަރަކާތްތަކުން އާންމުންގެ މެދުގައި ނަފްރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އެފަދަ ކަންކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންގާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު