ވިޔަފާރި
ފިޔަވަޅުތަކެއް އެޅީ ބޭންކަށް ލިބޭ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވަން: ތަރުޖަމާނު
ބޭރު ފައިސާއިން ކުރާ މުއާމަލާތްތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ތަންފީޒުކުރަން ފެށި ހިފަހެއްޓުންތަކަކީ ބޭންކަށް ލިބޭ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އެޅި ފިޔަވަޅުތަކެއްކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.  

ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ، ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ، އެ ބޭންކުން ވަނީ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފަ އެވެ.

ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ލިމިޓުކުރުމުން އާންމުންގެ ނުރުހުން ބޭންކަށް އަމާޒުވެފައިވަނިކޮށް އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން:

  • ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ބޭންކުން ވަނީ ދީފައި

  • އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ދަރިވަރުންނަށް ބޭނުން ކުރެވޭނެ 

މުންދު މިއަދު ބޭއްވި ހަފުތާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ ބީއެމްއެލް އަށް ދިމާވެގެން އުޅޭ ހާލަތުގެ ތަފުސީލު އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވަރަށް ތަފުސީލުކޮށް ކިޔައި ދެއްވި ކަމަށެވެ. 

"މިކަމުގައި، ތި އިންފަރެންސް ނުހައްދަވާށޭ އަޅުގަނޑުމެން މި ދެއްކި ލޯނުތަކާއި ނުވަތަ އަޅުގަނޑުމެން މި ކްލިއާ ކުރި އެފެކްސް ސްވޮޕްއާ،" އޭނާ ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ ތެލާއި އަސާސީ ކާބޯތަކެއްޗާއި ބޭސް ހޯދުމުގައި ދައުލަތުން ބީއެމްއެލްގެ މައްޗަށް ބަރޯސާވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހަމެހުން ނެގެހެއްޓުމުގައި ބޭންކް އޮފް މޯލްޑިވްސްއިން މުހިއްމު ދައުރެއް އަދާކޮށް އާއްމުކޮށް އެހެން ބޭންކުތަކަށް ނުކުރެވޭނެ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. 

"ބޭންކަށްވެސް ލިބޭނީ ޑޮލަރު ވަކި ވަރަކަށްތާ. އެ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ނުވަތަ އެކަމަށް އެޑްރެސްކުރެއްވުމަށް ދެ ފިޔަވަޅެއް އެޅުއްވީ. އެހެންކަމެއް ބަދަލެއް ނުވޭ.،" މުންދު ވިދާޅުވިއެވެ. 

އެގޮތުން އެއް ފިޔަވަޅަަކީ މަހެއްގެ މައްޗަށް އީ-ކޮމާސް މަންސަތަކުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު މަހެއްގެ މައްޗަށް 30 މުއާމަލާތަށް ބަދަލުކުރުންކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އެ ބަދަލާއެކު އެވެރެޖުކޮށް ކޮންމެ މީހަކަަށްވެސް ދުވާލަކު އެއް މުއާމަލާތްކުރެވޭނެ ކަމަށެވެ. މިގޮތަށް ބަދަލުކުރަންޖެހުނީ އީ-ކޮމާސް މަންސަތަަކުގައި ހިނގާ މުއާމަލާތްތަކުގެ ވަރަށް ބޮޑު އިންސައްތައެއް އެންމެ ތިން އިންސައްތަ ކަސްޓަމަރުން ހިންގަމުންދާތީކަން މުންދު ފާހަގަކުރެއްވިއެވެ. 

ދެވަަނަ ބަދަލުގެ ފުރަތަމަ ބައަކީ ޓީޓީ ހެއްދުމުގައި ވަކި ވަގުތެއްގެ ތެރޭގައި އެކަން ކުރުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ޓީޓީ ހެދުމަށް އަބަދުވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި އިންސައްތައެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ދެން އެޅި ފިޔަވަޅަކީ ޓީޓީތައް ބައިކޮށްގެން ގިނަ އަދަދެއްގެ ޑޮލަރު ހޯދުމުގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ. 

މުންދު ވިދާޅުވީ އީ-ކޮމާސް ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބޭންކުން ބޭރުވާ ޑޮލަރުގެ އެންމެ ބޮޑު އިންސައްތައެއް އީ-ކޮމާސް މަންސަތަކަަށް ހޭދަވާކަން ބޭންކަށް ފާހަގަވެފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު