ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން އއ. ތޮއްޑޫ ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫ ކައުންސިލުން އިއްޔެ އާއްމުކުރި އެންގުމެއްގައި ބުނީ ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓަށް އަދި ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު (ދެނަމާދު ދޭތެރޭ ވަގުތު) އަދި ހުކުރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ވެސް، ކުޅިވަރުކުޅޭ ތަންތަން ބަންދުކުރާނެ ކަމަށެވެ.
އެންގުމުގައިވާ ގޮތުން އެ ވަގުތުތަކުގައި ކުޅިވަރު ކުޅުމަކީ މަނާކަމެކެވެ."މިކަން ބެލެހެއްޓުން ޔޫތު އެސޯސިއޭޓު އައްޒާމް އަހްމަދު އަދި ސ. ސްޕޯޓްސް ކައުންސިލަރު މުހައްމަދު މާޒިންއާ ހަވާލުކުރެވިފައިވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.ރައީސް އިއްޔެ ވިދާޅުވީ ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމަށް ފަހު އެ ތަންތަނުގައި ނަމާދުކުރެވޭ ގޮތް ހަމަޖައްސަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމަށް ނިންމައި މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށެވެ.
މިހާރު ވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ގޮސް އުޅޭ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނީގައި ނަމާދު ކުރުމަށް ތަނެއް ނުހުރެ އެވެ.