ޚަބަރު
މާލެ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އެޅުމަކީ ބޭއިންސާފެއް: ޝާހިދު
ކ. ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމުމުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވެވަޑައިގެންފި އެވެ.

ވެމްކޯއިން ބައެއް މީޑިއާތަކަށް ބުނިގޮތުގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މާދަމާ ފަށާނެ އެވެ.

އެކަމަކު ހދ. އަތޮޅުގެ މައި ރަށުން މިކަމާ ހިތްހަމައެއްނުޖެހެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އެޅުމަކީ އަނިޔާއެއް އަދި މަލާމާތެއް ކަމަށެވެ.

"ބޮޑުތިލަދުންމައްޗަކީ ދިވެހިރާއްޖޭގެ އުތުރުބިތުގެ ދިވެހިންގެ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ރައްޔިތަކު ދިރިއުޅޭ ތަރައްގީއަށް ކެތްމަދުވެފައިއޮތް ސަރަހައްދެއް. މާލޭ ސަރަހައްދުގެ "ކުނި" ބޮޑުތިލަދުންމަތީގެ ޖަޒީރާވަންތަ ފަސްގަނޑަށް އަޅާލުމަކީ އެސަރަހައްދަށާއި އެރައްޔިތުންނަށް ކުރެވޭ ވަރަށްވެސް ބޮޑު ބޭއިންސާފެއް! އަނިޔާއެއް. މަލާމާތެއް!،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

‏"ސަރުކާރުގެ ދޯހަޅި ނިންމުން ބަދަލުކުރައްވާ ރައްޔިތުންގެ ވިންދާއެއްގޮތަށް މިސްރާބު ހަމަމަގަށް އަޅުއްވާ. ތިޔަހެނެއް ނުހެއްދެވޭނެ!" ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު