އެމްޑީޕީގެ ރިޔާސީ ރޭހަށް ނުކުންނާނެކަން ޝާހިދު އިއުލާންކޮށްފި
ޔޫނުސް އިބްރާހިމް
15 އޯގަސްޓް 2026 - 01:22
0 comments
ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރުމުގެ ޖަލްސާ
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާތީ އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މިރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި، ކުރީގެ ފޮރިން މިނިސްޓަރު މިކަން އިއުލާން ކުރެއްވުމާއެކު އޭނާ ވަނީ، ޕާޓީގެ ރައީސްކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރައްވެ އެވެ.ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ ކުރައްވާނެ އިތުރު ކަންތައްތަކުގެ ވައުދާއެކު ޝާހިދު ވަނީ، 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އަޒުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިއުލާންކުރައްވައިފަ އެވެ.މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޑީޕީ ހިންގަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ."މި ދެންނެވި ޑިމޮކްރެޓިކް އުސޫލުތަކަށް ބަލާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުރެގެން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރުމާއި، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.އެމްޑީޕީގެ ރައީސްކަމުގައި ހުންނެވިއިރު އަމަލުކުރެއްވީ އެ އުސޫލުންކަން ފާހަގަކުރައްވައި، ޝާހިދު ވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އިއުލާންކުރުމާއެކު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާކަން ވެސް އިއުލާންކުރައްވައިފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި، ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވިވަޑައިގަތީ އިންތިހާބަކާ ނުލައެވެ. އެއީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު އެ މަގާމަށް ފުރުސަތު ހުޅުވާލުމުން، އިތުރު މީހަކު ކުރިމަތިލައިފައިނުވާތީ އެވެ.ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ފުރަތަމަ ސިޔާސީ މަސައްކަތް ކުރެއްވީ މައުމޫނުގެ އަރިހުގަ އެވެ. އަދި މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި އިސްކޮށް މަސައްކަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
ކިޔުންތެރިންގެ ޝުއޫރު