ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ކެމްބޯޑިއާ އިން ރާއްޖެ ފޮނުވި ފުރަތަމަ ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ފްރާންސަށް ފޮނުވާލައިފި އެވެ.
އެމްއޭސީއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ފުޅާވަމުންދާކަން އަންގައިދޭ ކުރިއެރުމެއްކަމަށެވެ. ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ. މި ޝިޕްމަންޓް ކާމިޔާބުކަމާއެކު މަންޒިލަށް ފޮނުވާލެވުމުން، އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގެ މުހިންމު މެދުވެރިއެއްގެ ގޮތުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ ދައުރު ވަނީ އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މިފަދަ ހިދުމަތްތައް ގިނައިން ހޯދަނީ ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ސްރީ ލަންކާ އިންނެވެ.
ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާ އެކު ހޭންޑްލްކުރެވުމަކީ އާ މާކެޓްތަކަށް ރާއްޖޭގެ ކާގޯ ހިދުމަތް ފޯރަމުންދާކަމުގެ ހެއްކެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ސީ ޓު އެއާ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށް ވުރެ އަގުހެޔޮ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށް ވުރެ އަވަސް ގޮތެކެވެ. އެހެންކަމުން މިއީ އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ ރަނގަޅު ހައްލެވެ.
އެމްއޭސީއެލް އިން ބުނީ، ކެމްބޯޑިއާ އިން ފްރާންސަށް މުދާ ފޮނުވުމާ އެކު އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއާޕޯޓުގެ ނަން އިތުރަށް މަޝްހޫރުވެފައިވާ ކަމަށެވެ.