ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާންކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ ކެޓަގަރީއަށެވެ. މީގެ ކުރިން 12 ފަހަރު މި ލަގަބު ހޯދާފައިވާ އެ އެއާޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި އެ ދަމަހައްޓަމުން އަންނަ މަގާމު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި، އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ފާހަގަކުރި އެވެ.
މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026" އަށެވެ. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ތައާރަފްކުރީ 1993 ވަނަ އަހަރު އެވެ. އެއީ ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.އެމްއޭސީއެލް އިން ބުނީ، މި ނޮމިނޭޝަންތަކަކީ އެއަޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އެއަޕޯޓުގެ މަގާމު ވަރުގަދަކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ.