ވިޔަފާރި
ރާޔާ އެއާވޭސްއިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފި
ރާޔާ އެއާވޭސްގެ ފްލައިޓަށް މުދާ ބަރުކުރަނީ
މެލޭޝިއާގެ ޕެނޭންގާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ދެމެދު ރާޔާ އެއާވޭސްއިން ހަފުތާއަކު ދެ ދަތުރު ކުރުމަށް ތާވަލުކޮށްގެން ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.

މިއަދު އެ އެއާލައިން މެދުވެރިކޮށް ފުރަތަމަ ދަތުރު ވަނީ ފަށައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ ދަތުރުތައް ކުރާނީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ކަމަށެވެ.

އެ ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު އެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުތަކެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ދަތުރުތަކާ އެކު ޕެނޭންގާ އެކު ސީދާ ގުޅުމެއް ގާއިމްވީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެއީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. އެ ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. އެމްއޭސީއެލް އިން ބުނީ، އެ އެއާލައިންގެ ދަތުރުތަކާ އެކު ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލޭނެ ކަމަށެވެ.

އެ ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ އެވެ. 

ރާޔާ އެއާވޭސްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކޮށްގެން ކާގޯ ދަތުރުތައް ކުރާ ދެވަނަ އެއާލައިނެވެ. މިއީ އެއާޕޯޓުގެ ކާގޯ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުރި ފުރުސަތެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވީއައިއޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ އުފުލައިފައެވެ. މި ދަތުރުތައް ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބޭންކޮކް، ދުބާއީ އަދި ހަނޯއީއަށް ވަނީ ކޮށްފައެވެ. މިދިޔަ އަހަރު 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 އަށްވުރެ ގިނަ ޓަނުގެ ކާގޯ ވަނީ އުފުލައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު