ވިޔަފާރި
މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ހިދުމަތްދެނީ
މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަދުން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފި އެވެ.

މި ބަދަލާއެކު ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށާއި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ. މިގޮތުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ދޭނެ އެވެ.

މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ހާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު