ފަހި ފުލެޓުތައް ކައިރިން ކުނި ނަގަން 9 މަސް ތެރޭ 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފި
ހުޅުމާލޭ ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް - ފޮޓޯ/ އަމާނީ، އެކްސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ޓަވަރުތައް ސަރަހައްދުން ކުނި ސާފުކުރުމަށް ފާއިތުވި ނުވަ މަސް ތެރޭ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ.
އެ ކުންފުނިން ވަނީ ފަހި ފްލެޓްތަކުގެ އާންމު ސަރަހައްދުތަކުން ސާފުކޮށްފައިވާ ކުނީގެ ތަފާސްހިސާބުތައް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފަ އެވެ.އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެ ސަރަހައްދުން ކުނި ނެގުމަށް 13.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ.
ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން، އެ ފްލެޓްތަކަށް ބަދަލުވި މީހުން އާންމު ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މި މަސައްކަތަށް ހޭދަވި ފައިސާގެ ތަފުސީލަށް ބަލާއިރު، ނިމުނު އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މާރިޗް މަހާ ދެމެދު 8.45 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި މި އަހަރުގެ އޭޕްރީލް މަހުގައި 75,100 ރުފިޔާ އަދި މެއި މަހުން ޖޫން މަހާ ހަމައަށް 4.95 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެެ.އެހެންކަމުން ނުވަަ މަސް ތެރޭ ކުނި ނައްތާލުމަށް ކުރި ޖުމްލަ ޚަރަދު 13.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެފްޑީސީން ބުނެއެވެ.އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ކުނި ނައްތާލުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އުކާލުމުގެ ސަބަބުންނެވެ.މިގޮތަށް އަމަލުކުރުމުގެ ސަބަބުން އެ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން އިތުރުވެފައިވާ ކަމަށް އެފްޑީސީން ފާހަގަކުރެ އެވެ.އާންމު ސަރަހައްދުތަކަށް ކުނި ނާޅަން އިދާރާތަކުން އެންގި ނަމަވެސް، އެކަށީގެންވާ ހަރުކަށި ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހުޅުމާލޭގެ އާންމު ތަންތަނަށް ކުނި އުކުން މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.