ޚަބަރު
މިހާރު ދައުލަތް ހިންގަން މަސައްކަތް ކުރަނީ ޗޯރުންނަށް ބާރުދީގެން: ޔާމީން
ރައީސް ޑރ.މުހައްމަދު މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން ކަމަށާއި، މިއީ ވައްކަމުގެ ބޮޑު ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މި ސަރުކާރަކީ "ވަގުންގެ ސަރުކާރެއް" ކަމަށާއި އަދި ހުރިހާ ތަނެއްގައި ވެސް ކުރަމުންދަނީ ވައްކަން ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ފެންނަމުންދާ ކަމީ އެންމެން ދަންނަ ބޮޑު ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މީހުންނަށް ނުވިސްނެނީ ކަންނޭނގެ މިއަދު މޭޒުގައި އެ ތިބަ ކޮޅު މާދަމާ ބަދަލުވާނެކަން. އެއީ އެންމެ ވަރުގަދަ އަނިޔާވެރިން ކަންކަން ދެކޭ ގޮތް،" ޔާމީން ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން އަންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ކުންފުނިތަކަށް މީހުން ވެއްދީ ސަރުކާރުން ވޯޓު ބޭނުންވެގެން ކަމަށެވެ.

ނަމަވެސް މިހާރު އެކަމުގެ ޒިންމާ ފިނޭންސް މިނިސްޓްރީގެ ބޮލަށް ޖަހައި ރައީސް މުއިއްޒު ހުންނެވީ ލޯމަރާލައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރުމަކީ ރައްޔިތުންނަށް ތަޖައްމަލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިސަރުކާރުން ހުރިހާ ދެރަ ނިކަމެތިކަމެއް ދެމުންދަނީ އާދައިގެ ރައްޔިތުންނަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ގާނޫނުތައް ދަންނަ ތަހުޒީބީ މުޖުތަމައެއްގައި ކަންކުރާ ގޮތަށް މި ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ހިނގާކަށް ނޭނގެނެ ކަމަށާއި، ސަރުކާރުން އިސްކޮށްފައި ތިބީ "ބޮޑެތި ވަގުން" ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު