އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. 
ރައީސް ޔާމީންގެ ގެކޮޅުގައި ބާއްވަމުން ގެންދަވާ ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ހަމައެކަނި ނަމެއްގައި ޑިމޮކްރެޓިކް ވެގެން އުޅޭ ޕާޓީއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ހަމަތަކާއި އަސާސްތަކަށް ފާޅުގައި އަރައިގަންނަމުންދާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އެންމެ ރަނގަޅަށް ކުރާ ކަމަކީ ތަންތަނުގައި ހުޅުޖެހުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގުން ކަމަށްވެސް ވިދާޅުވި އެވެ. "އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ،" އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ފާޅުގައި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް އަރައިގަންނަމުންދާ ޕާޓީއެކެވެ.ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ތިއްބަވައިގެން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" މިގައުމަށް އުފުލެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ތަކުލީފެއް،" ޔާމީން ވިދާޅުވި އެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާތީ މިގައުމުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ހިންގަން ވާނީ މި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ކަންކަމަށް ބަދަލު އަންނަ ފަދައިން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށްވެސް ބަދަލު އަންނަންވާނެ ކަމަށްވެސް ވިދާޅުވި އެވެ.