މާލެ ޓެކްސީ ލައިން އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ
ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށްފައިނުވާ ކަމަށާއި އާންމުންގެ ޒާތީ މައުލޫމާތުތައް ލީކުކުރީ، އެ ކުންފުނީގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާ އެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ބުންޏެވެ.ކުންފުނީގެ ސާވާއާއި މާލެ ޓެކްސީ ލައިންގެ ބެކްގްރައުންޑް ސިސްޓަމް ރޭ 23:30ގައި ރައްކާތެރި ކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި، ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން "މާލެ ޓެކްސީ ލައިން" ލޯންޗުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.ނަމަވެސް، ޚިދުމަތް ތައާރަފުކުރިތާ ދެ މަސް ދުވަސް ވީއިރު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ނުލިބި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ދުވަސްތަކެއް ފަހުން އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކުރީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދާއެކު ފެށި، މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނި ވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައި ވެއެވެ.