ނިމުނު އަހަރު އެމްޓީސީސީއަށް 2.1 ބިލިއަނުގެ އާމްދަނީއެއް
ޔޫނުސް އިބްރާހިމް
23 އޯގަސްޓް 2026 - 15:01
0 comments
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ
ފާއިތުވި 2025 ވަނަ އަހަރު އެމްޓީސީސީއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުމާއެކު ޖުމްލަ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ލިބުނުކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައި ވާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ލިބިފައިވެބއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލއިރު ބޮޑު ކުރިއެރުމެކެވެ.މީގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އަރާފަ އެވެ.ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިންނެވެ. އެ ދާއިރާއިން 589.46 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގް ދާއިރާއިން 92.08 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ޖުމްލަ 479 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފަ އެވެ.މީގެ އިތުރުން 63 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަލަށް ފަށައި، 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އައު މަޝްރޫޢެއްގައި ވަނީ ސޮއިކޮށްފަ އެވެ.އޭގެ ތެރެއިން ނިމުނު މަޝްރޫއުތަކުގެ ތެރޭގައި މ. މުލީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، ހދ. ނޮޅިވަރަންފަރުގެ ނެރު ފުންކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. އަދި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އިމާރާތްކުރުމުގެ 63 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި މުއްދަތުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ނ. އަތޮޅާއި ރ. އަތޮޅު ގުޅުވާލަދޭ ފެރީގެ ހިދުމަތް ފަށާފައިވާ އިރު، 14 ޑިސެންބަރު 2025 ގައި ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު