މާލެ ޓެކްސީ ލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ޕޮލިހަށް
އިސްމާއިލް ރިޒާ
17 އޯގަސްޓް 2026 - 18:04
0 comments
އެމްޓީސީސީން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ކާރުތައް
ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަނުން މައުލޫމާތުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ މުވައްޒަފު އެ ކަން ކުރީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ.ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާ އެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.އަދި އޮގަސްޓް 15ވަނަ ދުވަހުގެ ރޭގެ 11:30 ގައި ސާވާ އަދި ބެކްއެންޑް ސިސްޓަމް ވަނީ ރައްކާތެރިކަމާ އެކު އަލުން ރީސްޓޯކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.އެ ކުންފުނިން ވަނީ، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ."ދިވެހި ސަރުކާރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، އަދި ވިޔަފާރީގެ އެންމެހައި ބައިވެރިން މި ކުންފުންޏަށް ކުރައްވަމުން ތިޔަ ގެންދަވާ އިތުބާރަށް ފަށްފަށުން ޝުކުރު ދަންވަމެވެ." އެ ކުންފުނިން ބުނެފައިވެއެވެ.އެމްޓީސީސީން ވަނީ، ޓެކްސީ ހިދުމަތް ފެށިފަހުން އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށް، އެ ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ އަގުގައި ލުއިފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ބުނެފަ އެވެ.ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން، ސަރުކާރުން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ހޮޓްލައިނަކަށް ގުޅައިގެން ހިދުމަތް ހޯދަން ޖެހޭ އެ ހިދުމަތް، އޭގެ ފަހުން ވެބް ޕޯޓަލެއް މެދުވެރިކޮށް ކާރު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހު، 'މާލެ ޓެކްސީ ލައިން'ގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗުކުރީ 2 ޖޫންގަ އެވެ.އެޕްލިކޭޝަން ހެކް ކުރި ކަމަށް ވާހަކަ ދެކެވެން ފެށީ، ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަން ބަދަލުކުރި ހިސާބުންނެވެ.
ކިޔުންތެރިންގެ ޝުއޫރު