ވިޔަފާރި
އެމްޓީސީސީގެ މުވައްޒަފުންނަށް ފުލެޓު އަޅަން އަލުން ބިމެއް ހޯދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ "ހިޔާ" މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށްޓަކައި އެޗްޑީސީގެ ވެރިންނާއެކު މިހަފްތާގެ ތެރޭގައި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއާއި އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި ދެ ކުންފުނީގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ކުރިއަށް ގެންދަން އުޅުނު މަޝްރޫއު ކުރިއަށް ނުގޮސް އޮތުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ. މުވައްޒަފުންގެ އެހިތާމަތައް ކުންފުނީގެ މެނޭޖުމަންޓުން ގަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެން ކޮށްދޭންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކުންފުނިން ދެކޭ ކަމަށްވެސް ބުންޏެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ވަނީ މިކަމަށް އިޖާބަ ދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން ދަންނަވައިފައެވެ." ބަޔާނުގައިވެ އެވެ.

އެމްޓީސީސީގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް ވަރަށް ބޮޑަށް މުވައްޒަފުންނަށް ތައުރީފްވެސް ކޮށްފައެވެ. އެގޮތުން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަކީ ރެޔާއި ދުވާލު ދާއޮހޮރުވައިގެން މަސައްކަތް ކުރާ އިހްލާސްތެރި ބައެއް ކަމަށެވެ. އެހެންވެ ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހުމުގެ އުއްމީދު ލިބުމަކީ މުވައްޒަފުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީން ބުނީ އަމާޒަކީ ބިން ހަމަޖެހުމާއެކު މަޝްރޫއު ވީހާވެސް އަވަހަށް ފެށުން ކަމަށެވެ. 

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިން ހިންގި މަޝްރޫއާ ގުޅިގެން ގުޅިގެން އޭސީސީން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ އެކު، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު