ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީގެ ސަބަބުން ވަޒީފާއިން ވަކިކުރަން އަންގާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކުންފުނިތަކުން ވަކިކުރަނީ ކޮން އުސޫލެއްގެ ދަށުންތޯ ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާތީ މަޖިލީހުގައި ޒަރީރު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރު ވެސް އެއީ ދިވެހި ރައްޔިތުންކަން ވިސްނައިގެން އެ މީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން ދެންނެވިހެން އެ ބޭފުޅެއްގެ ކުލައަކަށް އެ ބޭފުޅެއްގެ ފިކުރަކަށް އެ ބޭފުޅަކު ކުރާ ކަންތައްތަކަކަށް ބެލުމެއް ނެތި އަޅުގަނޑުމެން ރައިޓް ސައިޒުކުރާނީ. އަދި ރައިޓް ސައިޒުކުރާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ މިއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހި ރައްޔިތެއްކަން. ދިވެހި މަންމައެއްކަން، ދިވެހި ބައްޕައެއްކަން، ދިވެހި ދަރިއެއްކަން. އެހެންވީމަ ކުލައަކަށް ބެލުމެއް ނެތި އަޅުގަނޑުމެންގެ ފުރަތަމަ ކަމަކަށް ވާނީ ދިވެހި ރައްޔިތުން ޕްރޮޓެކްޓް ކޮށްދިނުން ދެއްތޯ،" ރައްޔިތުންގެ މަޖިލީހުގައި ޒަރީރު ވިދާޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް މި އަހަރުގެ ޖުލައި މަހު އެންގި އެވެ.
ނަމަވެސް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން ވަކިކުރަމުންދަނީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކަމަށް އެ ޕާޓީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަރީރު ވިދާޅުވީ ރައިޓްސައިޒް ކުރަނީ "ބޭފުޅެއްގެ ކުލައަކަށް، އެ ބޭފުޅެއްގެ ވިސްނުންފުޅަށް، އަދި އެ ބޭފުޅަކު ކުރާ ކަންތައްތަކަށް ބެލުމެއްނެތި،" ކަމަށެވެ.