ޑޮލަރު އަގުބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށާއި ހިޔާލުފާޅު ކުރުމުގެ ހައްގުގައި ތަޅު ނޭޅުވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވިއިރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރުޖެހުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކަސްތޮޅުން ކަންކަން ހައްލުކުރުމުގެ ބަދަލުގައި ދެފުށް ފެންނަ ސިޔާސަތުން ރައްޔިތުންނަށް ހައްލުތައް ދައްކަންޖެހޭ ކަމަށެވެ."ހިޔާލުފާޅު ކުރުމުގެ ހައްގުގައި ތަޅެއް ނޭޅުވޭނެ، ޑޮލަރު އަގުބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ،" ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަން ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ކަޅު ބާޒާރުގައި ޑޮލަރު އަގު މިއަދު ވަނީ 22.55ރ. އަށް އަރައިފަ އެވެ.