މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ލައިސަންސް އެމްއެމްއޭ އިން ވަނީ ބާތިލްކޮށްފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލްކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން، އެ ކުންފުނިން ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަވެފައި ވުމުން ކަމަށެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ."
އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް މި އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
ބާތިލްކުރި ލައިސަންސް ދޫކޮށްފައިވާ ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލް ކިޔާ މީހަކު ހިއްސާވެގެން 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ.ކަޅުބާޒާރުގައި ޑޮލަރު މާރު ކުރުން ހުއްޓުވަން އެމްއެމްއޭއިން ވަނީ ގާނޫނު ތަންފީޒު ކުރެވޭ ގޮތަށް ފިޔަވަޅު އަޅަން ފަށާފަ އެވެ. އަދި ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމަށް، ޑިޖިޓަލް ޕްލެޓްފޯމެއްގައި ނުވަތަ އެހެން ގޮތަކުން ނަމަވެސް އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދިނުމަކީ ގާނޫނީ ކުށެކެވެ.ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުން އަދި ކަޅުބާޒާރުގައި ވެސް ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށެވެ. މި ހަފްތާ ފެށުނުއިރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22.50ރ.އަށް އަރައިފަ އެވެ.