ޚަބަރު
ހައި ކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރު، އިބްރާހީމް މާހިރު 20 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު މިއަދު ވަކިވެވަޑައިގެންފި އެވެ.

އެ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ފަނޑިޔާރުކަމުގައި މާހިރު ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. 

ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މާހިރު، ހައި ކޯޓަށް އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މާހިރު ހުންނެވީ ފެމިލީ ކޯޓުގައެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އޮކްޓޫބަރު 13، 2022 ގައި އޭނާ ހަމަޖެއްސެވިއިރު، މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވީ މެއި 23، 2010 ގައެވެ.

ފަނޑިޔާރުކަމުގެ މަގާމުން މާހިރު މި ވަކިވެވަޑައިގަތީ 20 އަހަރަށްވުރެ ގިނަ ދުވަހު، އެކި ކޯޓުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ.

ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް 10 އަކަށް ބަދަލުވީއެވެ. ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 11 އެކެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސްގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު