އިސްމާއިލް ރިޒާ
14 ސެޕްޓެމްބަރ 2026 - 21:07
0 comments
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިރޭ ރާއްޖެ ވަޑައިގެންފި އެވެ. 
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. އެމަނިކުފާނު ދަތުރުފުޅު ކުރެއްވި މަތިންދާބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވަނީ މިރޭ 20:20 އެހާކަންހާއިރު އެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރައީސް މުއިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ނަމަވެސް، އެ އެއްބަސްވުންތަކުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން އަދި ނުދެ އެވެ.
ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އެ މަނިކުފާނުގެ އަރިހަށް ވަކިވަކިން އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ އެވެ.
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1968 ގަ އެވެ.
އެނގިފައިވާ ގޮތުގައި ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ ބްރެޒިލް އާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ، "ބްރިކްސް"ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެވެ.