އިސްމާއިލް ރިޒާ
16 ސެޕްޓެމްބަރ 2026 - 21:32
0 comments
މުސްލިމުންގެ ޤިބުލަ ކަމަށް ދެކޭ ހަރަމްފުޅު ހުންނަ ސައުދި އަރަބިއްޔާގެ މައްކާއަށް ޔަމަންގެ ހަނގުރާމަވެރި ހޫތީ ޖަމާއަތުން ދޭން އުޅުނު ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ހުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.
"ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާގެ ރަސްކަމަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. މައްކާއާއި، އެތަނުގައި އަޅުކަން ކުރާ މީހުންނާއި، މައްކާގެ ރަށްވެހިން ރައްކާތެރިކުރުމުގައި ސައުދީގެ ސަލާމަތީ ބާރުތަކުން ދެއްކި ހުށިޔާރުކަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ވަނީ މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލައްވާފަ އެވެ. އަދި މަސްރަހު އިތުރަށް ގޯސްކުރުމުގެ ބަދަލުގައި ސުލްހަ އާއި މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް ގުޅުންހުރި ހުރިހާ ފަރާތްތަކަކަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި އަދި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފިނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ސައޫދީން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެކަމަކު ހޫތީން އެ ހަމަލާ ދިން ކަމަށް އެ މީހުން އިންކާރު ކުރެ އެވެ. އަދި ހޫތީން ބުނީ އެ މީހުން ހަމަލާ ދެނީ ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ކަމަށާއި އެއީ މައްކާ އާއި މަދީނާއާ ވަރަށް ދުރު ކަމަށް ހޫތީން ބުނެފައިވެ އެވެ.