ޚަބަރު
ރަސްމާލެ މަޝްރޫއާ މެދު ދިވެހިންގެ ހިތުގައި އޮތީ ނަފްރަތާއި ނުރުހުން: ޔާމީން
ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ މެދު ދިވެހިންގެ ހިތުގައި އޮތީ ނަފްރަތާއި ނުރުހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރާ ގުޅިގެން އީގަލް ހިލްސް އިން ކުރިއަށް ގެންދަން އުޅޭ މަޝްރޫއު ހުއްޓާލަން ވަނީ ގޮވާލައްވައިފަ އެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ އަދި އެއްވެސް އަހުލާގެއް ނެތް ސަރުކާރަކާ އެކު މަސައްކަތް ކުރަން އުޅޭ އީގަލް ހިލްސްއަކީ ކޮރަޕްޓު އަދި ފަސާދަ ފަތުރަން އުޅޭ ކުންފުންޏެއް ކަމަށެވެ.

ރަސްމާލޭ މެރީނާ މަޝްރޫއާ އެންމެ ބޮޑަށް ދެކޮޅު ހައްދަވައި އެ މަޝްރޫއާ ގުޅުވައި އެންމެ ގިނަ ތުހުމަތުތަކެއް ކުރައްވާ ލީޑަރަކީ ޔާމީނެވެ. އެ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަަކަފުޅުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއްބަސްވުމުގެ މައުލޫމާތު އާއްމު ނުކުރެެއްވުމެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން، 99 އަހަރުގެ މުއްދަތަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލަން ނިންމުމަކީ ގައުމުގެ އަސްލު ގެއްލިގެން ހިނގައިދާނެ ބިރުވެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވުމުން ސަރުކާރުން ބުނެފައިވަނީ އަސްލު އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަމަށެވެ.



 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު