
މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ކޯހެއް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިން، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ހިމެނެ އެވެ.މި ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް، ސްވިމިން، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެ އެވެ. ހަމައެއާއެކު މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ ހަރަކާތްތަކާއި، ލީޑަޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަޚުލާޤު ދަސްކޮށްދޭނެ އެވެ.ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރާފައިވާކަމަށެވެ.މި ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ރައީސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ތިން ވަނަ ބެޗްގެ ތަމްރީނަށް ފުރި ދަރިވަރުންނަކީ މިދިޔަ މަހުގެ 19 ގައި ނިންމައިލި ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނުގެ ހަތަރު ވަނަ ބެޗުން ދަސްވެނިވި ބައިވެރިންގެ ތެރޭގައި ހިމެނޭ ބައިވެރިންނެވެ.