އެމްޑީއެންގެ ޝަހިންދާއަށް މަރުގެ އިންޒާރުދިން ޒުވާނާގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތް ފަށަނީ
މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2020 - 14:23
1 comments
ޝަހިންދާއަށް މަރުގެ އިންޒާރުދިން ރަވާއު
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރުދިން ޒުވާނާގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތް ފަށަން ތައްޔާރުވެއްޖެއެވެ.
ޝަހިންދާއަށް މަރުގެ އިންޒާރު ދިން މައްސަލާގައި ދައުވާ އުފުލާފައިވަނީ ފުވައްމުލައްސިޓީ ޒުވާނެއް ކަމަށްވާ ރަވާއުގެ މައްޗަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ 10:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ އިރު، ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
އޭނާ ކުރި ޓްވީޓެއްގެ ސަބަބުން އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވާ އިރު، އޭނާ ޓްވީޓު ކޮށްފައިވަނީ އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެގޮތުން ރަވާއުގެ ޓްވީޓުގައި އޭނާ ވަނީ ޝަހިންދާ މަރާލަންވެސް ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ރަވާއު މިދިޔަ އޮކްޓޯބަރު މަހު 26 ވަނަ ދުވަހު ހައްޔަރުކުރިނަމަވެސް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.
އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައިވަނީ މި މަހު 16 ވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ޝުއޫރު