ޚަބަރު
ރައީސްގެ ޤަރާރަކީ ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު
ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަޙައްދެއްގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިޙު ސޮއިކުރައްވައި މިއަދު ގެޒެޓުކޮށްފައިވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.

އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބި، ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރުގައި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށާއި ރާއްޖޭގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

ރައީސްގެ މި ޤަރާރާ ގުޅިގެން ޑރ.އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާޔާ ޙަވާލާ ދިނުމަކުން ބާޠިލް ޤަރާރެއް ޞައްޙަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޑރ.އަހްމަދު ވިދާޅުވީ ރައީސް ސޯލިހް ނެރުއްވި ޤަރާރަކީ މުޠުލަޤު ސިފައެއްގައި ޤާނޫނުއަސާސީއާ ޚިލާފު ޤަރާރެއް ކަމަށެވެ.

"ތިޔަ ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަޙައްދެއްގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން." ޑރ. އަހްމަދު ވިދާޅުވިއެވެ.


ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވިއިރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް މިރޭ ވަނީ ވިދާޅުވެފައެވެ. އިިދިކޮޅު ކޯލިޝަނުން ވަނީ ރައީސްގެ ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށާއި، އެ ގަރާރު ބާތިލުކުރުމަށް ކޯޓަށް ދާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު