ޚަބަރު
ނަޝީދުގެ މަންމަ އާއި ބައްޕަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކޮށްފި
ނަޝީދުގެ ބައްޕަ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަނީ
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދު އާއި ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަކިވެ ވަޑައިގެން ދަރިކަކުން އިސްވެ އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާ މިއަދު ގުޅިވަޑައިގެންފި އެވެ.

ނަޝީދު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު މިހާރު އަންނަނީ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. މި ޕާޓީ އަށް އަދި ނަޝީދު ސޮއިކުރައްވާފައެއް ނުވެ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދާއި، ބައްޕާފުޅު އަބްދުއްސައްތާރު އުމަރު ގުޅިވަޑައިގެންނެވީ މިއަދު އެވެ. އެ ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިބެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފަ އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަޝީދުގެ މަންމަ އާއި ބައްޕަ މިއަދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއާ ގުޅިވެޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވީ އަދިވެސް އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަޝީދު އާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ދުވަހަކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އުޒުރުވެރިވެވަޑައިގަންނަވަ އެވެ. އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަންނަވަނީ ކޮން އިރަކު ކަމެއް އަދި ވަކިވެ ވަޑައިނުގަތް މަޑު ކުރައްވަނީ ކީއްވެގެން ކަމެއް އެމަނިކުފާނު ވެސް ވިދާޅެއް ނުވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު