ޚަބަރު
އެސްޓީއޯ ހޮޓާ އިމާރާތަށް، މީޑިއާ ވިލެޖު
އެސްޓީއޯއިން ހުޅުމާލޭގައި ބިނާކޮށް، އޮޕަރޭޝަނަށް ގެނެވިފައި ނުވާ ހޮޓާ
ހުޅުމާލޭގައި އެސްޓީއޯ އިން ހަދާފައިވާ ހޮޓެލް އިމާރާތުގައި މީޑިއާތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ވިލެޖު ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ މިރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ވިދާޅުވީ މީޑިއާ ވިލެޖު ގާއިމުކުރާނީ އެސްޓީއޯ ހޮޓެލްގައި ކަމަށާއި އެ ތަނުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ. އެތަނުގައި މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާވެސް ލިބޭނެ ކަމަށެވެ.

"އެއީ މިހާރު ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ލިބޭ ގޮތަށް [މީޑިއާއަށް] ލިބޭނެ ފައިސާއެއް،" ރައީސް ވިދާޅުވި އެވެ. 

އެސްޓީއޯ ހޮޓަލަކީ ޑޮލަރު އާމްދަނީ އިތުރު ކުރަން ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި 2006 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ހެދި އެއްބަސްވުމެއްގެ ދަށުން ތަރައްގީ ކުރަން ނިންމި އެ ހޮޓަލަކީ އެކި ފަހަރު މަތީން އެކި ގޮތަށް މަސައްކަތްކޮށް ވެސް ކުރިޔަށް ގެންދެވިފައި ނުވާ، ޒަމާން ވެފައިވާ ޕްރޮޖެކްޓެކެވެ.

ހޮޓާ ތަރައްގީ ކުރީ "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރި ތަރައްގީ ކުރަން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު