ސަރުކާރު ލިބުނު ފަހުން ދެ ވަނަ ބެޗް ނިމެނީ.. ހޯރަފުށީގައި 11،12 އަށް ކިޔެވުން އޮތީ ކިހާ ހިސާބެއްގައި؟
އަހުމަދު ނިހާން
28 މާޗް 2025 - 14:34
6 comments
ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ. -- ފޮޓޯ: ހޯރަ
ހއ. ހޯރަފުއްޓަކީ ހއ. އަތޮޅުގެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އާބާދީ އަކީ 3553 އެވެ. އަންހެން 1742 އަދި ފިރިހެން 1811 އެވެ. ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 1500 ވަރަކަށް މީހުންނެވެ. އަތޮޅުގެ ނިސްބަތުން ހިދުމަތްތައް ގިނަ ބޮޑު ރަށެކެވެ. ހއ. އަތޮޅުގެ ގިނަ ރަށްތައް ފަދައިން މިއީ ވެސް ރީތި ރަށެކެވެ. ރަށާ އެއް ފަޅެއްގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ހުރެ އެވެ.
ހއ. އަތޮޅު މަދަރުސާ ހުންނަނީ މި ރަށުގަ އެވެ. ޕްރީ ސްކޫލުން ފެށިގެން އޯ ލެވެލް އަށް ކިޔެވެ އެވެ. އަދި ކުރިން އޭ ލެވެލް އަށް ވެސް މި ރަށުން ކިޔެވުނެވެ. ގާތްގަނޑަކަށް 387 ދަރިވަރުން ކިޔަވާ ހއ. އަތޮޅު މަދަރުސާ އަކީ ރާއްޖޭގެ ނިސްބަތުން ވެސް ނަތީޖާ ރަނގަޅު ސްކޫލެކެވެ. މީގެ އިތުރުން ކެމްބްރިޖް އާއި ގުޅިގެން އެވިޑް އިންޓަނޭޝަނަލް ސުކޫލުގެ ނަމުގައި ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސުކޫލެއް ވެސް ހިންގަ އެވެ. ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަކަން ހއ. އަތޮޅު މަދަރުސާގެ ރެކޯޑްތަކުން ދައްކަ އެވެ. އެގޮތުން ބައެއް ކާމިޔާބީތަކުގެ ތެރޭގައި ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގެ 2021 އަހަރުގެ އެންމެ މޮޅު ދަރިވަރަކީ އައިޝަތު ޝައްފާ އަބްދުﷲ އެވެ. ޝައްފާ ވަނީ އޯ ލެވެލް އިމްތިހާނުގެ ތިން މާއްދާއަކުން އޭ ސްޓާ އަދި ބާކީ މާއްދާތަކުން އޭ ހޯދައިފަ އެވެ. ހއ. އަތޮޅު މަދަރުސާ 11،12 ނުކިޔެވޭތީ އޭ ލެވެލް ކިޔަވަން ބަދަލުވީ ދ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހއ. އަތޮޅު މަދަރުސާ މިފަހުން ހޯދި އަނެއް ދަރިވަރަކީ މަރިޔަމް އަމްނާ އެވެ. އަމްނާ ބަދަލުކޮށްލީ ހއ. އަތޮޅު މަދަރުސާގެ ތާރީހެވެ. އެއީ އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި އެވެ. މީގެ އިތުރުން ތަންކޮޅެއް ކުރިން ހއ. އަތޮޅު މަދަރުސާގެ ދަރިވަރަކު އާޓް މާއްދާއިން ދުނިޔެއިން 9 ވަނަ ވެސް ހޯދި އެވެ. އަދި ވެސް މިފަދަ އެތައް ކާމިޔާބީއެއް ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން އަންނަނީ ފާއިތުވި އަހަރުތަކުގައި ހޯދަމުން ނެވެ. މޮޅު ދަރިވަރަކަށް ވެވޭނީ ކިޔަވަން މާލެ އައިސްގެން ނޫނެވެ. ރަށުގައި ތިބެގެން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަން ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން ވެސް އަންނަނީ ސާބިތުކޮށްދެމުން ނެވެ. އެންމެ މޮޅެތި ދަރިވަރުންގެ އިތުރުން، ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ޖުމްލަ ނަތީޖާ ވެސް ހއ. އަތޮޅު މަދަރުސާގައި މައްޗެވެ. ސްކޫލުން ކަނޑައަޅާފައިވާ "ޕާސް ޕަސެންޓޭޖް"އާ ހަމައަށް ކޮންމެ އަހަރަކުހެން ވާސިލްވެ އެވެ. ނަމަވެސް ގްރޭޑް 10 ނިންމާ ދަރިވަރުން އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް ހއ. އަތޮޅު މަދަރުސާ އިން 11،12 ނުވަތަ އޭލެވެލް އަށް ކިޔެވެން މިހާރު ނެތުމުން ދަރިވަރުން ރަށުގައި މަޑެއް ނުކުރެ އެވެ. މި އަހަރުވެސް ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10ގެ ތިން ކުލާހެއްގައި 40 ދަރިވަރުން އަންނަނީ ކިޔަވަމުން ނެވެ.އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލް އަށް ދަރިވަރުން މާލެ ބަދަލުވާން ޖެހޭ ސަބަބުތަކެއް އަދިވެސް އަތޮޅު ތެރޭގެ ގިނަ ސުކޫލުތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސްކޫލެއްގައި ކިޔަވަން ތިބޭ ކުދިންގެ އަދަދު ނިސްބަތުން މަދުވުމާއި ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަށް ލެބޯޓްރީ ފަދަ ވަސީލަތްތަކެއް ކޮންމެ ރަށެއްގައި ނެތުން ފަދަ ކަންކަން ހިމެނެ އެވެ.މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ސިޔާސަތު ރޭވިފައިވާ ގޮތެވެ. މިސާލަކަށް 11،12 އަށް ކިޔަވާ ދިނުމަށް ކޮންމެ އަހަރަކު ސުކޫލުތަކުން ހުއްދަ ހޯދަން ޖެހުމެވެ. އަދި 11،12 އަށް ކިޔެވުމަށް ސުކޫލެއްގައި ވަކި އަދަދަކަށް ކުދިން ތިބެން ޖެހޭ ޖެހުމެވެ. އަދި އަަތޮޅުތަކުގައި 11،12 އަށް ކިޔެވުމަށް ހުރިހާ ސުކޫލުތަކަކަށް ފުރުސަތު ދިނުމަށް ސަރުކާރުގެ ވަސީލަތްތަކާއި ޓީޗަރުންގެ ތާށިކަމާއި ހެދި އިސްކަން ނުދިނުމެވެ. ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވާ ފަދައިން ރާއްޖޭގެ ހުރިހާ ސުކޫލެއް ގައި 11،12 އަށް ކިޔަވައިދިނުމަކީ ހަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން ނެވެ. އެެހެންކަމުން ކުރީ ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ ކައިރި ސަރަހައްދަކުން 11،12 އަށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. ހއ. އިން ދިއްދޫ އަދި ހއ. އިހަވަންދޫ އިން 11،12 އަށް މިހާރު ވެސް ކިޔެވެ އެވެ. ހއ. އަތޮޅު މަދަރުސާ އިން 11،12 ކިޔެވުން ހުއްޓުނީ ކުރީ ސަރުކާރުން ބޭނުން ވެގެން ކަމަށް ޕީއެންސީ/ޕީޕީއެމް ބޮޓުން ބުނުމަކީ "ފިތުނަ" އެކެވެ. ހއ. އަތޮޅު މަދަރުސާ އިން 11،12 އަށް ހުޅުވާލުމުން އެންމެ ފަހުން ވެސް ކުރިމަތިލީ 2 ކުދިން ނެވެ. އެޑިއުކޭޝަން ގަވާއިދުން 11،12 އަށް ކިޔަވަން ކްލާހަކަށް 10 ކުދިން ބޭނުން ވެއެވެ. ނިމުނު ފަސް އަހަރު ދިޔައީ އެ އަދަދަށް ކުދިން ހަމަނުވެ އެވެ. ތެދެކެވެ. ހއ. ހޯރަފުށީ ގައި ހުންނަ، އަތޮޅު މަދަރުސާގައި މީގެ ކުރިން 11،12 އަށް ކިޔަވައިދެމުން އައިސް އެކަން ހުއްޓުނު ފަހުން މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. ރައީސް ސޯލިހު ސަރުކާރުން ހޯރަފުށީ ސުކޫލުގައި 11،12 އަށް ކިޔަވައިދޭން ބޭނުން ނުވީ ކަމަށާއި އެކަން ހުއްޓުވީ ސޯލިހުގެ ސަރުކާރުން ކަމަށް އެއިރު އިދިކޮޅުގައި ތިއްބެގެން ޕީއެންސީ/ޕީޕީއެމް "ބޮޓުން" ދިޔައީ ޖަލްސާތަކާއި އެއްވުންތަކުގައި ބުނަމުން ނެވެ. މިއަދު ސޯލިހުގެ ސަރުކާރު ނިމިއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސޯޅަ މަސް ވެގެންދިޔައިރު ހއ. އަތޮޅު މަދަރުސާ އަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސައިންސް ސްޓްރީމް ނަގާ ދަރިވަރުން ރަނގަޅު ލެބޯޓަރީ އެއް ޑިވްލޮޕް ކޮށް، އޭ ލެވެލްގައި މި ބޭނުން ކުރާ ކެމިކަލްތައް ރަށަށް ގެނެސް ވަރަށް ރަނގަޅު މުދައްރިސުން ހއ. އަތޮޅު މަދަރުސާ އަށް ފޯރުކޮށް ނުދެވިގެން ތިޔަ އުޅެނީ ކީއްވެ ހެއްޔެވެ.؟ ހއ. އަތޮޅު މަދަރުސާގެ ހިންގުންތެރިންނާއި މުދައްރިސުން އަދި ބެލެނިވެރިންގެ ހިތްތަކުގައި "ނުތަނަވަސްކަން" އުފައްދައިގެން ދަރިވަރުންނަށް "ފޯކް ސްޕީޗް" ދީގެން 11،12 އަށް ކިޔަވަން ފަށާނެ ކަމަށް ބުނެ ވެރިކަން ހޯދި މީހުން މިއަދު ކޮބާ ހެއްޔެވެ؟ 11،12 އަށް ކިޔަވަން ހއ. އަތޮޅު މަދަރުސާ އަންނަ ކުދިންނަށް ހިލޭ އެކަމަޑޭޝަން ދިނުމާއި 2000 ރުފިޔާގެ ސްޑޫޓެންޓް އެލަވަންސް ސަރުކާރުން ނުދެވިގެން ތިޔަ އުޅޭނީ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސް ނުކޮށްދީގެން ހެއްޔެވެ؟އަދި އެއް ސުވާލެވެ.ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބުނު ފަހުން ދެ ވަނަ ބެޗްގެ ދަރިވަރުންގެ ކިޔެވުން ހއ. އަތޮޅު މަދަރުސާ އެހެރަ ނިމެނީ އެވެ. ހޯރަފުށީގައި 11،12 އަށް ކިޔެވެން ފެށުން އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ހއ. އަތޮޅު މަދަރުސާ 11،12 ކިޔަވަން ފެށޭނެ ތާރީހެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ގުޅުމުން ބުނީ މި ވަގުތައް ހއ. އަތޮޅު މަދަރުސާ 11،12 ފެށޭނެ ދުވަހެއް ބުނަން ދަތި ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު