ހުނައިދާ ޔާސިރު
13 އޮކްޓޫބަރ 2026 - 10:46
0 comments
ދިރާގުގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިރާގު ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަނެޓްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ހިލޭ ރައުޓަރު އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، ކުރީގެ ރައުޓަރެއް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފީއަކާ ނުލާ ރައުޓަރު އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރައުޓަރު ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ތައާރަފު ކުރި ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ހިލޭ ރައުޓަރު އަޕްގްރޭޑް ކުރަން، ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނާ މެދުވެރިކޮށް އަޕްގްރޭޑަށް ހުށަހެޅޭނެ އެވެ.
މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް ދިރާގުގެ ޓީމުން އަތޮޅު ތެރޭގެ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ޝަރުތު ހަމަނުވާ ކަސްޓަމަރުންނަށްވެސް، ފައިބަ ޕެކޭޖް 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންއަކަށް އަޕްގްރޭޑްކޮށްގެން، ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަމާއި ފައިދާ ގެނެސްދޭނެ ފަދަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމި ތިބުން ކަމަށެވެ.