ވިޔަފާރި
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިން މުބާރާތަކަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން'އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.

ދިރާގުން ބުނި ގޮތުގައި، މި ކަމުގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެއެވެ.

މި އަހަރުގެ ދުވުމުގައި 5،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓަރީކޮށްފައެވެ. މިއީ މި ދުވުމުގެ ތާރީޚުގައ ވެސް އެންމެ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވި އަހަރުކަން ދިރާގުން ފާހަގަކުރިއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލީ 4،000 ފުރުސަތެވެ. އެކަމަކު، އާންމުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން ދިރާގުން ވަނީ ޖާގަ ވަނީ އިތުރުކޮށްފައެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 20ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެންދާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.

ޑީއެމްއާރްއާރް 2026 އަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު