ވިޔަފާރި
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 5،500އަށްވުރެ ގިނަ ބައިވެރިން
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026ގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، 5،500އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީކޮށްފި އެވެ.

މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ 4،000 ފުރުސަތު ހުޅުވާލި ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން ޖާގަ ވަނީ އިތުރުކޮށްފަ އެވެ.

މި އަހަރުގެ ދިރާގު ރޯޑް ރޭހަކީ 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން'އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތެކެވެ. އެހެންވެ، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެ އެވެ. 

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ދުވުމުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ މީހުން އެއްތަނަކުން ބައްދަލުވާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.

މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ގިނަ ދުވުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ދުވުންތެރިން ވެސް ފެނިގެންދާ މަގުބޫލު ހަރަކާތެކެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު