ޚަބަރު
ކަރަންޓީން ނުވެ، ވޯޓުލާން ދެވޭނެ ގޮތް ހަމަޖައްސައިދީފި
ރައީސް ސޯލިހާއި، އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު އއ. ރަސްދޫ ގައި
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް އެމީހަކު ރަޖިސްވެފައިވާ ރަށަކަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ. ނަމަވެސް ގިނަ ޝަރުތުތަކެއް ވަނީ ހިމަނާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް އެެޗްޕީއޭގެ ހުއްދަ ނެތި ބައެއް ރިސޯޓުތަކަށް އެރުމުގެ ހުއްދަ ނުލިބުނު މައްސަލަ މިއަދު ފެންމަތިވެފައި ވަނިކޮށް، އެޗްޕީއޭ އިން ދެންމެ އާންމުކުރި އެންގުމުގައިވާ ގޮތުން ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

އެކަމަކު، 10 ދުވަހުގެ ކަރަންޓީނާ ނުލައި ދަތުރުކުރާއިރު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރަން ޖެހެ އެވެ.

އެ ގޮތަށް ދަތުރުކުރާ މީހުން ވޯޓްލާ ސަރަހައްދު ފިޔަވައި ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެ އެވެ. އަދި ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާއި ވަކިން ހަމަޖެއްސުމާއި މީހުންނާއި ބައްދަލު ކުުރުމާއި ގޭގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނެފައިވާ ގޮތުން ވޯޓްލުމަށްފަހު ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރިދާން ޖެހޭނެ އެވެ. އަދި ރަށުގައި ކަރަންޓީންވެފައިވާ ނުވަތަ އެކަހެރިވެފައިވާ މީހުން ވޯޓްލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެެއްގައި ވޯޓްލެވޭނެ އެވެ.

މީގެ އިތުރުން ދަތުރު ފެށުމުގެ ކުރިން ވޯޓްލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަނެއް ކައުންސިލަށް އަންގަން ޖެހެއެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި އޮފިޝަލުން މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ބައެއް ކަންކަމުގައި ދަތިތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިހާބަށް ތައްޔާރުވެވިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ. 


މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 137 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގައި އަތޮޅުތެރޭގައި ވޯޓުލާ ހުރިހާ މަރުކަޒަކަށްވެސް މިހާރު ވަނީ އޮފިޝަލުންނާއި، ވޯޓު ކަރުދާސް ފޮނުވާފައެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު