
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދިނުމަށްފަހު، ގެއަށް ދޫކޮށްލި ފަހުން ނެވެ.އޭނާ ގެއަށް ދޫކޮށްލާފައިވަނީ ވެސް މިއަދު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.ރިސޯޓް ވިޔަފާރި އާއި ސަފާރީ ވިޔަފާރި ހިންގެވި، އަދި މިހާރު ވެސް އެ ވިޔަފާރީގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅުއްވާ ގައްދޫ ޒާހިރު ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހައްދަވައިފަ އެވެ. އޭގެ ފަހުން، އޭނާ މުޅިންހެން ހުންނެވީ ގޭގަ އެވެ.އުމުރުން 70 އިން މައްޗަށް ގޮސްފައިވާ އާދަމް ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހީވާގިކޮށް މަސައްކަތް ކުރެއްވި މެމްބަރެކެވެ. އޭނާ ވަނީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ޑީއާރުޕީގައި ވެސް ކުރިން އުޅުއްވި ޒާހިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގަ އެވެ.ގައްދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ޒާހިރަކީ ގައްދޫ ޒާހިރުގެ ބޭފުޅެކެވެ.