ޚަބަރު
2023ގެ އިންތިހާބު އިންސާފުވެރިވާނެ ކަމާއި މެދު ޔަގީންކަމެއް ނެތް: ޝަހީދު
ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަށް ވެދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް ކުރި ޓުވިޓާއި ގުޅިގެން ޝަހީދު ވިދާޅުވީ، ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ހުއްޓުވާލީ މިނިވަން ރޭޑިއޯ ކަމަށާއި އަދި އެއަށްފަހު އެމްޑީއެން ހިންގުން ހުއްޓުވައި ރާއްޖޭގެ ގިނަ މީޑިއާތަކަށް ރިޝްވަތު ދޭން ފެށީ ކަމަށެވެ.

އަދި މިހާރު ރައްޔިތުން ކުރަމުން އަންނަ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުން ޖިނާއީ ކުށަކަށް ހަދާފައިވާ ކަމަށާއި އެހެން ކަމުން ރިޔަސީ އިންތިހާބާއި މެދު ޝައްކު އުފެދޭ ކަމަށް ޝަހީދު ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް" ޝަހީދު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.


"2023 ވަނަ އަހަރުގެ އިންތިހާބު މިނިވަން އިންސާފުވެރި ވެދާނެ ކަމުގެ ޔަގީންކަމެއް ނެތް" ޝަހީދު ވިދާޅުވި އެވެ.

އދ. ގެ ރެޕަޓުއާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހް ނެރުއްވި ގަރާރު އުވާލުމަށް ވެސް ގޮވާލައްވާފަ އެވެ. އެ ގަރާރަކީ މުޅި ދުނިޔެ ގަބޫލުކުރާ ހައްގުތަކެއް ނިގުޅައިގެންފައިވާ ގަރާރެއްގެ ގޮތުގައިވެސް ސިފަ ކުރައްވާފައިވެ އެވެ.

"ރައީސް ސޯލިހް! ސިޔާސީ ބޭފުޅެއްގެ ގޮތުގައި މަނިކުފާނަށް ލިބިވަޑައިގެންފައިވާ 30 އަހަރުގެ ތަޖުރިބާގެ ގޮތުގައި މީހުން ހަނދާނުގައި ބަހައްޓަން ބޭނުންވާ މަންޒަރުތަކަކީ މިއީތޯ؟" ޕީޕީއެމް އޮފީސް ހިސޯރު ކޮށްގެން ފުލުހުން ތިބޭ ވީޑިއޯއެއް ޝެއާކޮށް އަދި ރައީސް ސޯލިހް ޓެގް ކުރައްވާ ޝަހީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އިތުރުވަމުން އަންނާތީ އިދިކޮޅުން "އިންޑިއާ އައުޓް" ހަރަކާތެއް ފަށާފައިވާއިރު، އެ ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހު ވަނީ ހާއްސަ ގަރާރެއް ނެރެ، އެއަށް އަމަލު ކުރުމަށް އިދާރާތަކަށް އަންގާފައެވެ.

ގަރާރަށް ބަލާއިރު، ގަރާރުގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތް އޮތް ނުރައްކަލެއް ކަމަށާއި އެކަން ކުރާ ފަރާތްތަކަށް އަދަބު ލިބޭނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ތެރޭގައި ހިމެނޭ މުޒާހަރާތައް ހުއްޓުވާ، މީހުން ހައްޔަރުކޮށް، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރަށް ކިޔާލަން: ރައީސް ސޯލިހް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި ވާތީ އެމްނެސްޓީން ކަންބޮޑުވުންފާޅުކޮށްފި

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު