
ރައީސް އޮފީހުން ބުނީ ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމާފަ އެވެ.އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް އަހަރުތަކެއް ވަނީ ވެފައެވެ.އަރަބިއްޔާގެ އާ އިމާރާތަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެސް ވައުދެކެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތް ބާ ޖަމާލުއްދީން ބިމުގައި އަޅަން މިދިޔަ އަހަރު ނިންމައި 6.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު އެ ތަނުގެ އަމަލީ މަސައްކަތެއް ސަރުކާރު ބަދަލުވިއިރު ވެސް ފެށިފައެއް ނުވެ އެވެ.